ފުރާނަ ދުއްވާނުލާ! އެއީ ހައްލެއްނޫން!

އަހަރެމެންނަށް ވިސްނޭ ގޮތުގައި އިތުރަށް އެންމެ ދުވަހަކުވެސް ދުނިޔޭގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ޢުމުރު ދިގުކޮށްދޭވާތޯ އެދި މާތް ރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ކުރެއެވެ. ސުވާލަކީ އިންސާނެއްގެ ފުރާނަ އޭނާ އަމިއްލައަށް ދުއްވާލާ ހިސާބަށް އޭނާގެ ފިކުރު ދަނީ ކިހާހިސާބަކުންތޯއެވެ؟ އެހިސާބަށް އިންސާނެއްގެ ފިކުރު ހިނގައިދާނެތޯއެވެ؟ ޚާއްޞަކޮށް ﷲ ތަޢާލާ އަށް އީމާންވާ މީހެއްގެ ހިތަށް އެފަދަ ޚިޔާލެއް އަރާފާނެތޯއެވެ؟ އެފަދަ ކަމެއް ކުރަން ކުރަން ކެރިދާނެތޯއެވެ؟

ނަފްސާނީ ޢިލްމުވެރިންގެ ބަސް

އެމެރިކަން އެސޯސިއޭޝަން އޮފް ސޫސައިޑޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރ, ޑރ. އެލެން. އެލް. ބާރމަން މަޝްހޫރު އެންކާޓާ އެންސައިކްލޮޕީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި މީހަކު އެމީހެއްގެ ފުރާނަ ދުއްވާލަނީ ބަޔާން ނުކުރެވޭފަދަ ވޭނާއި ހިތާމަ ކުރިމަތިވެ, މައްސަލަތަކަށް ޙައްލެއް ފެންނާނެ ގޮތެއްނެތި އަދި ޚާއްޞަކޮށް ތިމާގެ މުސްތަޤްބަލާއިމެދު އެއްވެސް އުއްމީދެއް ނެތުމުންނެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލޭ އެއްކަމަކީ އަމިއްލައަށް މަރުވުމެވެ. އަދި އެމެރިކާގައި އެންމެ ގިނައިން މީހުން މަރުވާ 10 ސަބަބުގެ ތެރޭގައި އަމިއްލަ އަށް މަރުވުން ހިމެނޭ ކަމަށާއި ޢުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިން 3 ވަނަ އަށް އެންމެ ގިނައިން މަރުވާ ސަބަބަކީ އަމިއްލައަށް ފުރާނަ ދުއްވާލުންކަމަށް ޑރ. އެލެން ލިޔުއްވާފައިވެއެވެ. އަދި އަމިއްލައަށް މަރުވާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުން ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

އެމެރިކާގެ މަޝްހޫރު ސައިކޮލޮޖިސްޓެއް ކަމަށްވާ އެޑްވިން ޝްނެއިޑްމެން ވިދާޅުވާގޮތުގައި އަމިއްލަ އަށް މަރުވާ މީހުންނަށް އިޙުސާސް ކުރެވޭ ކަންތައްތަކުގެ ތެރޭގައި ބަޔާން ނުކެރެވޭ ވޭނާއި ހިތާމާއާއި, އެހެން މީހުންނާއި މުޅިން އެކަހެރިވާން ބޭނުންވުމާއި އަދި ތިމާއަށް ދިމާވެގެން އުޅޭ މައްސަލައިގެ ހަމައެކަނި ޙައްލަކީ ފުރާނަ ދުއްވާލުން ކަމަށް ހިތަށް އެރުން ހިމެނެއެވެ.

އަމިއްލައަށް މަރުވާން އުޅޭ މީހަކު އެކަމުން ސަލާމަތް ކުރެވިދާނެތަ؟

ނަފްސާނީ ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މީހުންގެ ތެރެއިން ގިނަ މީހުން އަމިއްލަ އަށް މަރުވާން މަސައްކަތްކޮށް އެކަން ނާކާމިޔާބު ކޮށްލުމުން ދޭހަވަނީ އެމީހުން އެހެން މީހުންގެ އެހީއަށް އެދި ރޮމުންދާ ކަމެވެ. އަދި އެހެންމީހުންގެ ސަމާލުކަން ބޭނުންކަމެވެ. މީގެ އިތުރުންވެސް މީހަކު އެމީހެއްގެ ގާތްމީހެއްގެ ގާތުގައި މަޖަލަކަށް ހަދާފަވެސް އަމިއްލައަށް މަރުވުމާބެހޭ ވާހަކަދައްކަންޏާ އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި އެކަމާއި މެދު އަޅާނުލައި ދޫކޮށް ނުލުމަށް ނަފްސާނީ ޢިލްމުވެރިން ވިދާޅުވެއެވެ. ޑރ. އެލަން ބާރނާޑް ވިދާޅުވާގޮތުގައި އަމިއްލައަށް މަރުވާ މީހުންގެ %08 މީހުން އެމީހުންގެ ފުރާން ދުއްވާލުމުގެ ކުރިން ތަފާތު ގޮތްގޮތަށް އިންޒާރުދެއެވެ. އޭނާ އިތުރަށް ވިދާޅުވާގޮތުގައި އަމިއްލައަށް މަރުވުމުގެ ގިނަ ހާދިސާތަކަކީ ހުއްޓުވިދާނެ ހާދިސާތަކެވެ. ސަބަބަކީ ކިތަންމެ މާޔޫސްވެފައި ހުރިނަމަވެސް ފުރާނަ ދުއްވާލުމުގެ ޚިޔާލަކީ ވަރަށް ވަގުތީ ޚިޔާލެކެވެ. އެހެންކަމުން މުހިއްމު ވަގުތުގައި އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ ގިނަ ބަޔަކު މިކަމުން ސަލާމަތް ކުރެވިދާނެދެއެވެ.

ރާއްޖޭގައި މި މައްސަލަ މިހާ ބޮޑުވެގެން މިއުޅެނީ ކީއްވެ؟ މަޝްހޫރު ކައުންސެލަރަކު ބުނީ ގިނަ މައްސަލަތަކަކެއް އެބަ އުޅޭކަމަށާއި އޭގެ ތެރޭގައި އިޖްތިމާޢި މައްސަލަތަކާއި, ގެދޮރުގެ ދަތިކަމާއި, މަސްތުވާތަކެތީގެ މައްސަލައާއި, މީގެ އިތުރުން ނަފްސާނީ ކަންކަމުގެ މަޢުލޫމާތު މީހުންނަށް ނޭނގި މިފަދަ ކަންކަން ކުރަން އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވުން ހިމެނޭކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ބޮޑު އެއް މައްސަލަ އަކީ ރަނގަޅު ގޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ތަރުބިއްޔަތާއި ތަޢުލީމު ނުދެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން އާޚިރަތް ދުވަހަށް އީމާންވުމާއި ޢަމަލްތަކަށް ޒިންމާވާންޖެހޭކަމާއި ހިސާބު ބައްލަވާނެކަން ތަޢުލީމާއި ތަރުބިއްޔަތުގެ ތެރޭގައި ރަނގަޅަށް ނުހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހަރެންނަކީ މުސްލިމުންނަށް ވީ ހިނދު….

ކީރިތި ޤުރުއާނުގައި ނިސާ ސޫރަތުގެ 29 ވަނަ އާޔަތާއި 30 ވަނަ އާޔަތުގެ މާނައިގައި ﷲ ކުރައްވާފައިވާ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ”….އަދި, ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ރަސްކަލާންގެ ކަމުގައި ﷲ ވޮޑިގެންވެއެވެ… ދެކޮޅުވެރިކަމާއި, އަނިޔާވެރިކަމުގެ ގޮތުން އެކަންކުރާމީހާ ދަންނާށެވެ. (ފަހެ, ތިމަންރަސްކަލާންގެ އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ…“)

އަހަރެމެންނަކީ މުސްލިމުންނެވެ. ސުވަރުގެއަށާއި ނަރަކައަށް އަހަރެމެން އީމާންވާ ހިނދު ނަރަކައެއީ ކިހާ ބިރުވެރިތަނެއްކަން އިތުރަށް ތަފްޞީލް ކޮށްދޭކަށް ނުޖެހެއެވެ. ސުވާލަކީ ދުނިޔޭގެ ހިތާމައަށް ކެތްކުރާނީތޯއެވެ؟ ނުވަތަ ނަރަކައިގެ ތެރެއަށް ފުންމާލާނީތޯއެވެ؟

މިސާލެއް ލިޔެލާނަމެވެ. ކުރަފިދެކެ ވަރަށް ބިރުގަންނަ ކުއްޖެކެވެ. އޭނާ އިން ކޮޓަރި ތެރޭގައި ކުރައްޕެއް އުދުހެނީއެވެ. އެ ކޮޓަރިން ނިކުމެވޭނެ އެއްވެސް ގޮތެއްނެތެވެ. ޖެހިގެންހުރީ އެހެން ކޮޓަރިއެކެވެ. އެ ކޮޓަރި ތެރޭގައި 20 ކުރަފި އުދުހެނީއެވެ. ސުވާލަކީ 20 ކުރަފި އުދުހޭ ކޮޓަރި ތެރެއަށް އެކަން އިނގިހުރެ އޭނާ ވަންނާނެތޯއެވެ؟ ނޫންނަމަ އެންމެ ކުރަތްޕެއް އުދުހޭ ކޮޓަރި ތެރޭގައި އޭނާ ކެތް ކުރާނީތޯއެވެ؟

އަމިއްލަ އަށް މަރުވުމުގައިވެސް ހުރީ ހަމަ މިފަދަ ގޮތެވެ. ދުނިޔޭގެ ހިތާމައަށް ކެތްނުކެރެވޭނަކަމަށް ހީވެގެން ހުރިހާކަމެއްގެ ނިމުންކަމަށް މިފަދަ މީހުން ދެކެނީ ފުރާނަ ދުއްވާލުމެވެ. ނަމަވެސް އަމިއްލައަށް މަރުވެއްޖަނަމަ އެމީހަކަށް ހުރީ ނިމުމެއްނެތް ވޭން ހުރި ގަދަފަދަ ޢަޛާބެވެ. އެންމެކުޑަމިނުން ތައުބާވުމުގެ ފުރުޞަތެއްވެސް އެފަދަމީހަކަށް ނުލިބޭނެއެވެ.

މާޔޫސް ނުވާށެވެ.

ﷲ އަށް އީމާންވާ މީހަކާއި އީމާންނުވާ މީހެއްގެ ތަފާތަކީ ކޮބައިތޯއެވެ؟ އެއްފަހަރަކު ރަޙުމަތްތެރިއަކު ކިޔާދިން ވާހަކައެކެވެ. މި ވާހަކައިގައި އުޅެނީ ﷲ އަށް އީމާންވާ މީހަކާއި ﷲ އަށް އީމާންނުވާ މީހެކެވެ. ނުވަތަ ދީނެއް ޤަބޫލު ނުކުރާ މީހެކެވެ. ދީނެއް ޤަބޫލު ނުކުރާ މީހާ ދުނިޔޭގައި އުޅެނިކޮށް އޭނާއަށް ބަނޑުގެ ވޭނެއް ޖެހުނީއެވެ. މުޅި ޢުމުރު އޭނާ ހޭދަކުރަން ޖެހުނީ އެއްވެސް އުފަލެއް ނުލިބި މާޔޫސީ ޙާލުގައި އަުއްމީދެއް ނެތިއެވެ. ނަމަވެސް ﷲ އަށް އީމާންވާ މީހާއަށް މިވޭން ޖެހުމުން އޭނާ ﷲގެ ޙަޟްރަތުގައި ދުޢާކުރެއެވެ. އަދި ދުޢާ އިޖާބަ ކުރައްވާނެކަމަށް އޭނާ ޔަޤީން ކުރެއެވެ. މިއީ އޭނާއަށް ލިބޭ ހިތަހަމަ ޖެހުމެކެވެ. އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުސްލިމުންގެ ޙަޤީޤީ ގޮވައްޗަކީ މި ދުނިޔެ ނޫންކަމާއި އޭނާ އޭނާ ހެއްދެވި ފަރާތުގެ އަމުރުފުޅުތަކާއި އެއްގޮތަށް އުޅެފިނަމަ ޙަޤީޤީ ގޮވަތީގައި ނިމުމެއްނެތް އުފަލާއި ހިތްހަމަ ޖެހުން އޭނާ އަށް ހުރިކަން އެނގޭތީ ލިބޭ ހިތްހަމަޖެހުމެވެ. މިފަދަ މީހަކު އެއްވެސް ވަރަކަށް މާޔޫހެއް ނުވާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އުފަލާއި މެދު އައިސްފައިވާ ޞައްޙަ ރިވާޔަތެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވުއެވެ. ”މި ދުނިޔޭގެ ޙަޔާތާއި އާޚިރަތުގެ ޙަޔާތާއި އަޅާކިޔާނަމަ ތިޔައިގެ ތެރެއިން މީހަކު ކަނޑަށް އިނގިލި ކޮށްޕާލާފަ އިނގިލި ނެގުމުން އިނގިލީގައި އެހުރި ފެނަކީ ދުނިޔޭގެޙަޔާތެވެ. އުފަލެވެ. ކަނޑުގައި އެހުރި ފެނަކީ އާޚިރަތުގ ޙަޔާތެވެ“ (މުސްލިމް8582)

ވިސްނަވާށެވެ! ދުނިޔޭގެ ކަނޑުތަކުގައިވާ ފެނާއި ފެންއެއްޗަކަށް އަތްކޮއްޕާލާފަ އިނގިލި ނެގުމުން އިނގިލީގައި ހުރި ފެނާއި އަޅާކިޔޭނެތޯއެވެ؟ އަހަރެމެންނަކީ މުސްލިމުންނެވެ. އަހަރެމެން ޞައްޙަ ޙަދީސްތައް ޤަބޫލު ކުރަމެވެ. މަޢުޟޫއަށް ފަށައިގަތުމުގާ, ކަމުގެ ތަޖުރިބާކާރުންނާ ޙަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި އަމިއްލައަށް މަރުވަނީ ބަޔާން ނުކުރެވޭވަރަށް މާޔޫސްވުމުންނެވެ. ނުވަތަ މުސްތަޤްބަލާއިމެދު އުއްމީދެއް ނެތުމުންނެވެ. މިފަދަ ހަދީސްތައް ދަންނަ, ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މި ދުނިޔެމަތީގައި ކަންކަމާއި މާޔޫސްވެ ތިމާގެ ފުރާނަ ދުއްވާލާހިސާބަށް ނުދާނެކަން ކަށަވަރެވެ.

ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު މަދުކުރެވިދާނެއެވެ. އެއްކޮށް މި ވަބާ ހުއްޓުވިދާނެއެވެ. ދުނިޔެ އާއި މެދު މާޔޫސް ނުވާންވީއެވެ. ތިމާ ދުނިޔެއަށް އައި މަޤްޞަދު ހަނދާން ނައްތާ ނުލަންވީއެވެ. މާޔޫސްވެ ނަފްސާނީ އެހީއަށް ބޭނުނަވެފައިވާ މީހުންނަށް މިފަދަ ހަދީސްތަކާއި ވާހަކަތައް ކިޔައިދީ ޙަޤީޤީ އުފަލަކީ ކޮބައިކަން ވިސްނާދޭންވީއެވެ. ނަފްސާނީ ޢިލްމުވެރިން އެ ވިދާޅުވާފަދައިން މީހަކު ފުރާނަ ދުއްވާލުމުގެ ކުރިން އެތައް އިންޒާރުތަކެއް ދެއެވެ. މިފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭންވީއެވެ. ފުރާނަ ދުއްވާލުމަކީ މައްސަލައިގެ ޙައްލެއް ނޫންކަމާއި އެއީ މައްސަލަތަކުގެ ފެށުންކަން ވިސްނާދޭންވީއެވެ! ޙަޤީޤީ ގޮވައްޗަކީ އާޚިރަތްކަން ހިތުގެ އަޑިން ޤަބޫލު ކުރެވުމުން ބަޔާން ނުކުރެވޭފަދަ ވޭނާއި ހިތާމައިގައިވެސް ކެތްކުރަން ދަސްވާނެއެވެ! ފުރާނަ ދުއްވާނުލާށެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ