ވާހަކަ: ސާރާ ( 7 ވަނަ ބައި)

މިއީ ހިނގާފައިވާކަމަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވާ ނަމާއި ރަށަކީ އަސްލެއް ނޭނެވެ.

އާދެބަލަ މިތާ އެނދުގައި އޮށޯންނަން. ބައްޕަ ކުޑަކޮށް ކިޔަވާލާނަން. ފަރީނާއަށް އިޝާރާތްކޮށް ހާރޫނު ބުންޏެވެ. އެވަގުތު ފަރީނާ ދާއޫދުގެ މޫނަށް ބަލާލިއެވެ. ދާއޫދު އޭނާ ބައްޕަދެކެ ގަނެފައި ހުންނަ ބިރަކުން އެއްވެސް އެއްޗެއް ނުބުނާނެކަން ފަރީނާއަށް އެނގެއެވެ. އެހެންކަމުން ފަރީނާއަށް ހާރޫނުގެ އަމުރަށް ކިޔަމަންވާން މަޖުބޫރުވެއްޖެއެެވެ. ފަރީނާ ދާއޫދުގެ މޫނަށް ބަލަންހުރެފައި އެނދުގައި އޮށޯވެއްޖެއެވެ. ހާރޫނު އޭނާގެ އަތުގައިއޮތް ކަޅުކުކުޅުގެ ބިސް ފަރީނާ ބޯއަޅައިގެންއޮތް ބާލިސް ދަށަށް ލިއެވެ. އެވަގުތު ފަރީނާ  ދެލޯމަރާލިއެވެ.

ދާއޫދުއަށް އޭނާގެ ބައްޕަ ހާރޫނުގެ ފަރާތުން ފެންނަމުންދާ ކަންކަމާމެދު އަޖައިބުވެފައި ހުރިނަމަވެސް ފަރީނާއަށް އެ ނުބައި ޝައިތާނާގެ މަކަރު އެނގެއެވެ. ފަރީނާ ރަނގަޅުކުރުމަށްބުނެ ހާރޫނު ކުރަން އެއުޅޭކަންތައް ފަރީނާއަށް އެނގެއެވެ. ކޮންމެ ގޮތެއް ހެދިނަމަވެސް އިތުރުގޮތެއް ނެތުމުން ފަރީނާ ދެލޯމަރައިގެން އޮތެވެ. އިރުކޮޅެއްގެ ފަހުން ހާރޫނު ފަރީނާގެ ގައިގައި ކޮއްޓާލިއެވެ.

ފަރީނާ ދެން ތެދުވޭ. ދެން އުނދަގުލެއް ނުވާނެ. މިހާރު ކިހިނެތްތަ؟ ހާރޫނު ފަރީނާ ގާތުގައި އެހިއެވެ.

ފަރީނާގެ ޖަވާބުގައި ” ރަނގަޅޭ” ބުނުމަށްފަހު އެނދުން ތެދުވެގެން ދާއޫދުގެ ގާތަށް ދިޔައެވެ. އެވަގުތު ހާރޫނު މަޑުމަޑުން ގޮސް ކޮޓަރިން ނިކުމެގެން އޭނާގެ ހޮހޮޅައެއްފަދަ ކޮޓަރިއަށް ވަނެވެ.

ފަރީނާ އާއި ދާއޫދު ވާހަކަ ދައްކަމުން ނިކުތީ ބަދިގެ ފަރާތަށެވެ.

ހުކުރުދުވަހުގެ ފަތިހުގެ ވަގުތެވެ. ފަރީނާއަށް ކުއްލިއަކަށް ހޭލެވުނީ ހަށިގަނޑަށް އުނދަގޫތަކެއް ވެގެންނެވެ. ލޯހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އަދުހަމްއާއި އަޒްލީފާ އޮތީ ނިދާފައެވެ. ދާއޫދުވެސް އޮތީ ނިދާފައެވެ. ނަމަވެސް ދާއާދުގެ ފަރާތުން ކުރިން ނުފެންނަ ކަމެއް ފެނުމުން ފަރީނާ ދެލޯބޮޑުކޮށްލުމަށްފަހު ދާއޫދަށް ރަނގަޅަށް ބަލާލިއެވެ. އޭރު ދާއޫދު ނިދީގައި ވާހަކަ ދައްކަނީއެވެ.

“މިހިރީ ގަނެފަ.. ދަމާ.. ދަމާ..އެހެރަ އަންނަނީ.. ހިނގާ ހަރުކޮށް ހިނގާ” ދާއޫދު ނިދީގައި މިހެން ކިޔަމުން ދިޔައެވެ. ފަރީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މީގެކުރިން ދުވަހަކުވެސް ދާއޫދުގެ ފަރާތުން މިފަދަކަމެއް ފެނިފައި ނުވާތީ އެކަމާމެދު ފަރީނާ ވިސްނަމުންދިޔައެވެ.

އެ ވިސްނުމުގައި އިންދައި ފަރީނާއަށް ފަތިސް ނަމާދުގެ ބަންގީގެ އަޑުއިވުނެވެ. ފަރީނާ އެންދުންތެދުވެ ދާއޫދަށް ގޮވިއެވެ. ނަމަވެސް ދާއޫދު އޮތް ފުށްނޫން އަނެއް ފުށަށްޖެހުނެވެ. ފަރީނާ ބޯހޫރާލުމަށްފަހު ގިފިއްޔަށްގޮސް ވުޟޫކޮށްގެން އައިސް ނަމާދު ކުރިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ޤުރުއާނުން މިންވަރެއް ކިޔަވާލާފައި ނިކުމެ ބަދިގެއާ ދިމައަށްދާން ހިނގައިގަތެވެ. ނަމަވެސް ގޭގެ މައިދޮރު ހުޅުވާލުމާއެކު ފަރީނާގެ ދެލޯބޮޑުވިއެއެވެ. އެހެންނާ މީހުން މަގުމަތީގައި ހަރަކާތެރިވެ ނޫޅޭވަރަށް ހަރާކާތްތެރިވެ އުޅޭތަން ފެނުމުންނެވެ. އެއްބައިމީހުން ދުވަނީއެވެ. އަނެއް ބަޔަކު ރޮނީއެވެ. އަދި އަނެއްބަޔަކު އަޑުގަދަކުރަނީއެވެ. އެންމެންގެވެސް މިސްރާބުހުރީ ރަށުގެ ބޮޑުމަގުގެ އަނެއްކޮޅާ ދިމާއަށެވެ.

ވެގެން އުޅޭގޮތަށް ބެލުމަށް ފަރީނާ މަގުމައްޗަށް ނިކުތެވެ. އެވަގުތު އިލޮށިފަތި ހިފައިގެން އެއްއަތުން އުނަގަނޑުގައި އަތްވިއްދައިގެންހުރި ފަތުހިއްޔާ ފެނުމުން އަހާލިއެވެ.

ފަތުހިއްޔާ ކިހިނެއް ވެގެންތަ މިއުޅެނީ؟

ނޭނގޭތަ؟ އަޑެއްނާހަމުތަ؟ ރޭގައި މަހުން އައިގޮތަށް ޖައުފަރު މަރުވެއްޖެޔޯ! ފަތުހިއްޔާ ޖަވާބު ދިނެވެ.

إِنَّا لِلهِ وَإِنَّـا إِلَيْهِ رَاجِعون….ޖައުފަރު މަރުވިއްޔޭ؟ ފެންކަޅިވެފައިވާ ފަރީނާ އަނެއްކާވެސް ސުވާލުކުރިއެވެ.

އާނ.. ޖައުފަރު މަރުވެއްޖެ.. ފަތުހިއްޔާ ބުންޏެވެ.

މި ހަބަރު ލިބުމާއެކު ފަރީނާ އަވަސްވެގަތީ ދާއޫދަށް މިހަބަރު ދިނުމަށެވެ. ދާއޫދާ ޖައުފަރަކީ ތިމާގެ ދެމީހުންނެވެ. އެހާ އެކުވެރިވެސް ދެމީހުންނެވެ. އެހެންކަމުން ފަރީނާ ބާރުބާރަށް ހިނގާފައިގޮސް ގޭތެރެއަށްވަނެވެ. އަދި ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ދާއޫދަށް ގޮވަންފެށިއެވެ.

ދާއޫދު . ދާއޫދު ތެދުވެބަލަ. ކަމެއް ވެގެންނޭ މިއުޅެނީ. ދާއޫދު ހޭލަބަލަ..” ބަންޑުން ނިދާފައިއޮތް ދާއޫދުގެ ކޮނޑުގައި ތަޅާ ގޮވަމުންދިޔައެވެ.

ކިހިނެތްވީ ފަރީނާ… ދެލޯހުޅުވާލުމަށްފަހު ދާއޫދު އަހާލިއެވެ.

ދާއޫދޫ އެބައުޅޭ ޖައުފަރު މަރުވެގެން… ފަރީނާ ހާސްކަމާއި ހިތާމައާއެކު ޖައުފަރުގެ މަރުގެ ހަބަރު ދާއޫދަށް ކިޔައިދިނެވެ.

ކީކޭ؟ ޖައުފަރު މަރުވިއްޔޭ؟ ސުބުޙާނައްﷲ.. ޖައުފަރު މަރުވި ހަބަރު ދާއޫދަށް އިވުނީ ތޫފާނެއްގެ ވައިން ގަސްތަކާއި އިމާރާތްތައް އުކަމުން އަންނަ އަޑުފައްގަނޑެއް ފަދައިންނެވެ. އެވަގުތު ދާއޫދުއަށް މޮޅިވެރިކަންލިބި މޫނުގައި އަތްއަޅާލިއެވެ. ފަރީނާގެ އަތުގައި ހިފަހައްޓައިގެން އެއްއަތުން ބޮލުގައި އަތްއަޅައިގެން އެއްވެސް ބަހެއް ނުބުނެވިފަ ދާއޫދު އިނެވެ. މިހެން އިރުގަނޑަކު އިނދެފައި ތެދުވެ އަވަސްއަވަހަށް ތައްޔާރުވެލައިގެން ޖައުފަރުމެންގެ ގެއާދިމައަށް ދާއޫދު ދުއްވައިގަތެވެ.

ދާއޫދުއަށް ޖައުފަރުމެން ގެއާހަމައަށް ދިޔައިރު ޖައުފަރު ވަޅުލުމަށް ސައްދޯއް އެގެއަށް ވައްދަނީއެވެ. ބާރު ބާރަށް ގޮސް އެގޭތެރެއަށްވަދެ ޖައުފަރުގެ މޫނަށް ދާއޫދު ވަރަށް އަސަރާއެކު ބަލާލިއެވެ. އެވަގުތު ޖައުފަރުގެ އަންހެނުން ފަހީމާ އައިސް ދާއޫދުގެ ގައިގައި ބައްދައިގަތެވެ. ލިބިފައިވާ ހިތާމައިން ފަހީމާ ހީވަނީ ދުނިޔޭން މޮޔަވެފައިވާ މީހެެއް ހެންނެވެ. މުޅިގޭގައިވަނީ ރުއިމުގެ އަޑެވެ. އެއްބައި ދަރިން ހޭނެތިގެން ފެންއަޅާތީ ފެނެއެވެ. އަނެއްބައި މީހުން ފާރުފާރުގައި ލެނގިގެން މޫނުވަތަށް ޖަހާތިބެގެން ރޮނީއެވެ.

ފަހީމާ ދެން ނުރޮއެ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. ހިތްވަރުކުރޭ. އެތިބީ 4 ކުދިންވެސް އެކުދިންނާމެދު ވިސްނާލަބަލަ.. ތިހެން ނޫޅެ މިތާ އިށީނދޭ.. ކައިރީގައިހުރި ގޮނޑި ދަމާލަމުން ދާއޫދު ފަހީމާއަށް ހިތްވަރު ދެމުން ދިޔައެވެ. ނަމަވެސް ފަހީމާގެ ހިތާމައަކަށް ކުޑަވެސް ލުޔެއް ލިބޭނެ ހެއްޔެވެ؟ ކުރިމަތީގައި އެވަނީ ފަހީމާގެ ފިރިމީހާ ޖައުފަރުގެ ފުރާނަނެތް މަސްގަނޑެވެ.

ދާއޫދު މަޑުމަޑުން ޖައުފަރުގެ ފުރާނަނެތް މަސްގަނޑު ބާއްވާފައިއޮތް އެނދާ ކައިރިވެލިއެވެ. އަދި ގަނޑުވެފައިވާ މީހެއްފަދައިން އެތައްއިރަކު ހުރުމަށްފަހު ދާއޫދު އަވަސް އަވަހަށް ގެއާދިމާއަށް ދުއްވައިގަތެވެ.

ގެއާހަމައަށް ދެވުނުތަނާ ދާއޫދުގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަން ފެށިއެވެ. ދާއޫދުގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އަވަސްއަވަހަށް ގެއަށްވަދެ ފަރީނާ ކޮބައިތޯ ބެލިއެވެ. އޭރު ފަރީނާއިނީ ބަދިގެ ފަރާތުގައި ހުނިގާނާށެވެ. އެހެންކަމުން ފަރީނާއަށް އުނދަގޫނުކުރާންވެގެން ދާއޫދުވަނީ ކޮޓަރިއަށެވެ. އަދި ދާއޫދު ޖައުފަރާމެދު ފިކުރުކުރަން ފެށިއެވެ. ތަފާތު ހިޔާލްތަކާއި އެކިއެކި މަންޒަރުތައް ދާއޫދަށް ސިފަވަމުންދާ ކަހަލައެވެ.

ހެނދުނުގެ ސައިހަދާ ނިންމާލުމަށްފަހު ފަރީނާ ގޮސްވަނީ ކޮޓަރިއަށެވެ.

ދާއޫދު.. ކޮންއިރަކު ގެއަށްއައީ.. ޖައުފަރު ކޮބައިތަ؟ ދޭބަލަ އެގޭގަ އެމީހުން ގާތުގައި މަޑުކުރަން ..ކީއްވެ ތިއައީ… އެނދުގައި އިށީންނަމުން ފަރީނާ ވާހަކަ ދެއްކިއެވެ.

އޭރުވެސް ދާއޫދު އަނގަޔަކުން ނުބުނެއެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން ކަޅިޖަހާލަ ޖަހާލައި ވިސްނުމެއްގައި އޮތެވެ.

ދާއޫދު.. ކިހިނެތްވެފާ ތިއޮންނަނީ.. ދޭބަލަ އެގެއަށް. މިހާރު ހިނަވަން އުޅޭނެ ކަންނޭނގެ.. އަވަހަށްދޭ.. ރުއިމުގެ އަޑުން ފަރީނާ މިހެން ބުނުމާއެކު ދާއޫދު އެނދުން ތެދުވެ އަނެއްކާވެސް ގެއިން ނުކުމެ އެގެއާ ދިމާއަށް ދާން ހިގައިގަތެވެ.

ހުކުރުނަމާދަށްފަހު ޖައުފަރު ވަޅުލައިފިއެވެ. މުޅިރަށުތެރޭގައިވަނީ ހަމަހިމޭންކަމެެވެ. މަގެއްގެ މަތިން މީހަކު ފެންނަނީ ވަރަށް މަދުންނެވެ. މީހުންގެ އަޑުތައްވެސްވަނީ މަޑުވެފައެވެ. ހީވަނީ ރަށްފަޅުވެފައިވާ ހެންނެވެ. ޖައުފަރަކީ މީހުންނަށް ވަރަށް ހެޔޮމީހެކެެވެ. މީހުންނާ ސަމާސަކޮށްއުޅޭ ވަރަށް ހީވާގި މަސައްކަތްތެރި މީހެކެވެ.

ޖައުފަރު ވަޅުލާފައިއައިސް ދާއޫދު އިނީ ކޮޓަރީގެ އެނދުގައި ވިސްނާށެވެ. ދާއޫދުގެ މޫނުމަތީގައިވަނީ ބިރުވެރިކަމާއި ހިތާމައިގެ އަސަރެވެ. ފަރީނާވެސް ދާއޫދު ކައިރީގައި އިށީނދެ އިނެވެ. ދާއޫދުގެ މޫނުމަތިން ފެންނަ މަންޒަރުތަކުން ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭކަން ފަރީނާއަށް ހީވާން ފަށައިފިއެވެ. އަދި އެކަމާ ފަރީނާ އިތުރަށް ވިސްނަން ފަށައިފިއެވެ.

ދާއޫދު ހިތްވަރުކުރޭ.. މިއީ ހަމަ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.. އިރާދަކުރެއްވިއްޔާ ހުރިހާކަމަށްވެސް ރަނގަޅުވާނެ.. ދާއޫދަށް ހިއްވަރު ދިނުމުގެ ގޮތުން ފަރީނާ ބުނެލިއެވެ. ނަމަވެސް ފަރީނާ ދައްކާ ވާހަކައަކަށް .ދާއޫދުގެ ސަމާލުކަމެއް ނުލިބުނެވެ

ދާއޫދު ކިހިނެއްތަވެގެން ތިިއުޅެނީ.. އިނގޭ ބޮޑު ހިތާމެއް ކުރާކަންވެސް  އަނެއްކާވެސް ފަރީނާ ދާއޫދާ ދިމާއަށް ބުންޏެވެ. ނަމަވެސް ކަމެއް ނުވެއޭ ބުނުމަށްފަހު ފަރުޖައްސާލުމަށް ދާއޫދު މަސައްކަތްކުރިއެވެ.

އެހެންނުވާނެ ކޮންމެވެސް ކަމެއްވެއްޖެ. އެހެންނޫންނަމަ ދާއޫދު ތިހަނެއް ނީންނާނެ.. ދާއޫދު ރޭގައި މަހުން އައިފަހުން ކަމެއް ފާހަގަވި.. ހިތްހަމަނުޖެހިފައި ހުރިގޮތަކަށް ފަރީނާ ބުނެލިއެވެ.

މަހުން އައިފަހުން ކަމެއް ފާހަގަވިއޭ.. ކޮންކަމެއް އަނެއްކާ؟ ދާއޫދު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. އާނ މަހުން އައިފަހުން ކަމެއް ފާހަގަވި… އަހަންނަ އެކަމުންވެސް އިނގޭ ކޮންމެވެސް ކަމެއް ހިނގައިގެންކަން އުޅެނީ.. ފަރީނާ ޖަވާބުގައި ބުންޏެވެ.

ކީކޭ.. ފަރީނާއަށް ކޮންކަމެއް ފާހަގަވީ.. ދާއޫދު ހައިރާންކަމާއެކު އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

އަހަރެންނަށް ރޭފަތިހު ހޭލެވުނީ ފާޑަކަށް ބަނޑަށް އުނދަގޫވާތީ. ހޭލިއިރު ދާއޫދު ނިދީގައި ވާހަކަ ދައްކަނީ.. އެހެންނާ ދާއޫދު ތީ ދުވަހަކުވެސް ނިދީގައި ވާހަކަ ދައްކާ މީހެއްނޫންވިއްޔާ.. ފަރީނާ ދާއޫދަށް ކިޔައިދިނެވެ.

ވާހަކަދެއްކީއޭ! ކީކޭތަ އަހަރެންކީ. ދާއޫދު އަނެއްކާވެސް ސުވާލުކުރިއެވެ.

މިހިރީ ގަނެފައޭ ކަންނޭނގެ.. ދަމާށޭ. އެހެރަ އަންނަނީއޭ.. ބާރަށް ހިނގާށޭ.. އެކަހަލަ އެއްޗެހި ތަކެއްކީ… ފަރީނާ ކިޔައިދިނެވެ.

އެހެންތަ.. ފަރީނާ!! އަހަރެންނާއި ޖައުފަރަށް ރޭގައި ވަރަށް އެހެން ކަހަލަކަމާއި ކަނޑުމަތިން ލައްވާލީ.. އެވާހަކަތައް ކިޔައިދޭން ބިރުވެސް ގަނޭ..  ފުންނޭވާއެއް ލުމަށްފަހު ދާއޫދު ބުންޏެވެ.

އަނެއްކާ ކޮންކަހަލަ ކަމެއްބާ؟ ކިހިނެތައްވީ؟ ދާއޫދު ނިކަން ކިޔައިދީބަލަ؟ ފަރީނާ ސުވާލަކަށްފަހު ސުވާލެއް ދާއޫދާ ކުރިމަތިކޮށްލިއެވެ.

ވީގޮތަކީ…

(ނުނިމޭ)

8 ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!

ވާހަކަ ސާރާ ފުރަތަމަ ބައި

ވާހަކަ ސާރާ ދެވަނަ ބައި

ވާހަކަ ސާރާ ތިންވަނަ ބައި

ވާހަކަ ސާރާ ހަތަރު ވަނަ ބައި

ވާހަކަ ސާރާ ފަސް ވަނަ ބައި

ވާހަކަ ސާރާ ހަ ވަނަ ބައި

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ