ވާހަކަ: ސާރާ (6 ވަނަ ބައި)

މިއީ ހިނގާފައިވާކަމަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވާ ނަމާއި ރަށަކީ އަސްލެއް ނޭނެވެ.

ފަރީނާ ބަނޑުބޮޑީތަ؟ ދާއޫދު ހައިރާންކަމާއެކު ސުވާލުކުރިއެވެ.

ނޫން.. ނޭނގެ ހިޔެއްނުވޭ.. ދާއޫދުގެ މޫނަށް ބަލާލާފައި ފަރީނާ ޖަވާބު ދިނެވެ. ފަރީނާގެ ޖަވާބު އެހެން ހުރިނަމަވެސް ފަރީނާގެ ހަށިގަނޑުތެރޭގައި އާދަޔާހިލާފު ކަންތައްތަކެއް ހިނގާކަމުގެ އިހުސާސް ކުރެވެމުންދިއައެވެ. ބަނޑުތެރޭގައި އިތުރު ފުރާނައެއް ވާކަމުގެ އިހްސާސާއި ކުރިން ނުވާ އުނދަގޫތަކެއް ފަރީނާއަށް ތަޙަންމަލް ކުރަން ޖެހިފައިވެއެވެ.

އެކަމަކު އަހަރެންނަށް ހީވަނީ ފަރީނާ ބަނޑުބޮޑީހެން! ދާއޫދު ފަރީނާގެ ކޮނޑުގައިހިފާ ބުރަކަށީގާ އަތްފިރުމާލަމުން ބުންޏެވެ.

ނަމަވެސް އެވާހަކައަށް އެއްވެސް އެއްޗެއްނުބުނެ ފޮންފޮދެއް ބޯލުމަށް ބަދިގެއާ ދިމާއަށް ފަރީނާ ހިނގައިގަތެވެ. އެވަގުތު އެއްލިކަޅިއަކުން ފަރީނާގެ ލޮލުގައި އަޅައިގަތީ ގޭގެ ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ހާރޫނަށެވެ. މިނިކާވަގަކު މަސްގަނޑަކަށް ދަހިވެތިވަފައިވާ ގޮތަކަށް އޭނާ ފަރީނާއަށް ބަލަން ހުއްޓެވެ. ނަމަވެސް ކަރުތެރެއަށް ވެފައިހުރި ދިލަކުޅިއަކުން ހާރޫނާމެދު މާބޮޑު ސަމާލުކަމެއް ނުދީ ފަރީނާ ގޮސްވަނީ ބަދިގެއަށެވެ.

ބުރާސްފަތި ދުވަހުގެ އިރުއޮއްސި މުޅިދުނިޔެއަށް އަނދިރިކަން ވެރިވެގަތެވެ. ދަރިންނަށް ކާންދީފައި ދެކުދިން ގޮވައިގެން ފަރީނާ އިނީ ކޮޓަރީގައެވެ. އެރެއަކީ ހުކުރުވިލޭރެއެވެ. ޖައުފަރު އާދޭސްކުރާވަރުން ދާއޫދުވީ ޖައުފަރާއެކު ކެޔޮޅުކަމު ގޮހެވެ. އިރާކޮޅު ކެޔޮކަމުދިޔަ ދާއޫދު އިސާފަހުން އަންނާނެކަމަށް ބުންޏެވެ. އެހެންކަމުން ފަރީނާ ދާއޫދުގެ އިންތިޒާރުގައި ހޭލާ އިނެވެ. މަޣުރިބް ނަމާދުކޮށް ނިމިގެން ފަރީނާ އަވަސްވެގަތީ ޤުރުޢާން ކިޔަވާށެވެ. އޭރު އަދުހަމްއާއި އަޒްލީފާ އޮތީ ނިދާފައެވެ. މުޅިގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. މުޅިގޭތެރެއިން ހަމަ އެކަނި އިވޭއަޑަކީ މަޑުމަޑު ރާގެއްގައި ފަރީނާ ޤުރުޢާން ކިޔަވާއަޑެވެ.

ހާރޫނާއި ސިއްތިގެ ވިހަގަދަކަމުގެ ސަބަބުން ފަރީނާގެ މުޅި ހަށިގަނޑުގައި އޭގެ އަސަރުތައް ދައުރުވަމުން ދެއެވެ. ޤުރުޢާންވެސް ނުކިޔެވިގެން އިރުއިރުކޮޅަކާ ފަރީނާ ހަތިމު ބާއްވައެވެ. ކިޔަވަންފަށާއިރު ހީވަނީ ބޯފަޅައިގެން ހިނގަައިދާނެ ހެންނެވެ. މުޅިމީހާ ފިނިވެ އާދަޔާހިލާފު ކެތްކުރަންދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ގިނަފަހަރަށް އާޔަތްތައް ކިޔެވޭކަންވެސް ހަނދާންނެތެއެވެ. ކިޔެވުނީ ކިހާ ހިސާބެއްކަމާ ކިޔެވިފައިވާ ސޫރަތްތައްވެސް ފަރީނާއަށް އޮޅޭގޮތްވެއެވެ. ކިޔަވާތަން ފާހަގަކުރުމުގެ ގޮތުން ފަރީނާ ލާފައިއޮންނަ ގަނޑުކޮޅުންވެސް ކިޔެވިފައިވާތަން ޔަޤީން ނުކުރެވެެއެވެ. ހަމަ އެހެންމެ ނަމާދުތަކާއި ނަމާދުގައި ކިޔާތަކެތިވެސް ފަރީނާއަށް އޮޅޭގޮތްވެއެވެ.

ކަންމިހެން ވަމުން އަންނަ ނަމަވެސް ހިތްވަރުގަދަ ތަޤްވާވެރި ފަރީނާގެ އަޒުމާއި ކެރުމަކަށް ބަދަލެއް ނާދެއެވެ. ނަމާދު އޮޅޭގޮތް ވެއްޖެނަމަ ނަމާދު ފުރިހަމަ ކުރެއެވެ. ޤުރުޢާން ކިޔަވަމުންދާއިރު އޮޅިއްޖެނަމަ އެގަނޑު އަލުން ފަށައިގެން ނަމަވެސް ކިޔަވާ ފުރިހަމަ ކުރެއެވެ.

ފަރީނާއަކީ ﷲ އަށް ފުރިހަމައަށް ކިޔަމަންވާ އަޅެއްގެ ގޮތުގައި ހުރުމަށް އަބަދުވެސް މަސައްކަތްކުރާ މީހެކެވެ.

އެރޭގެ އިޝާނަމާދު ވަގުތު ވެއްޖެެއެވެ. ބަންގި ގޮވާއަޑު އިވުމާއެކު ހަތިމު ލައްޕާލުމަށްފަހު ފަރީނާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ނަމާދުގެ ރަކުއަތްތަކާއި ޒިކުރުތައް އޮޅެމުންވެސް ހިތްވަރުގަދަ ފަރީނާ ނަމާދު ފުރިހަމަ ކޮށްފިއެވެ. ނަމާދުކޮށް ނިމިގެން ޛިކުރު ތަސްބީޙަ ކިޔަން އިންދާ ކުއްލިއަށް މީހަކު ފަރީނާގެ ކަރުގައި ހިފިހެން ހީވިއެވެ. ފަރީނާއަށް ނޭވާނުލެވިގެން ދެއަތުން މޭގާ އަތްފިރުމާ ހާނަމުން ދިޔައެވެ. ދުލަށް އައިހާ ހެޔޮ ޛިކުރުތަކާ ކުރުސި ކިޔޭތޯ ފަރީނާ މަސައްކަތްކުރަމުން ދިޔައެވެ. އިސާހިތަކު ފަރީނާގެ ހަށިގަނޑަށް ލުއިވިކަމުގެ އިޙްސާސްވިއެވެ.

ފަރީނާގެ ހާލާމެދު ވިސްނާލުމާއެކު ފަރީނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މިކަމަކީ އިއްޔެއަކު މިޔަދަކު ވާހަކަމެއް ނޫނެވެ. މިއީ އަބަދާއަބަދު ތަޙައްމަލް ކުރަންޖެހިފައިވާ ވޭނެކެވެ. ފަރީނާގެ މޫނުމަތީގެ އުޖާލާކަން މިހާރު ފަނޑުވެއްޖެއެވެ.އެ ޖަންބު ކޯތާފަތް މިހާރުވަނީ ކަޅުވެ މިލާފައެވެ. އެއީ ފަރީނާއޭވެސް ނުބުނާހާ ފަރީނާގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. އެރީތި ހުދުދެލޯ މިހާރުވަނީ ރީނދޫވެފައެވެ. ނަމަވެސް މިއަދު މިނޫންގޮތެއް ފަރީނާއަށް އެބައޮތް ހެއްޔެވެ؟

އަދުހަމްއާއި އަޒްލީފާ ނިދާފައިއޮތް އެދުގެ އަރިމަތީ ބޯއަޅައިގެން ފަރީނާ ރޯން އިނެވެ. ޖެހިފައިވާ ކެތްކުރަންދަތި މުޞީބާތްތަކުންނެވެ. ހަށިގަނޑުތެރޭގަޔާއި ބޮލުގައި ހުންނަ ބުނެދޭން ނޭނގޭ އުނދަގޫތަކަކުންނެވެ. އެކަމަކު ފަރިނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން މިކަމުން ސަލާމަތް ވުމެވެ.

ކުއްލިއަކަށް ފަރީނާއިން ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއަޑުއިވުނެވެ. ފަރީނާ ހިތާހިތާ ސުވާލުކޮށްލިއެވެ. ދާއޫދޫ ހާދަ ލަހަކުން އެއައީ.. މާދަމާ ހުކުރު ދުވަސް.. ލައިގެން ކާނެ އެއްޗެއް ގެނައިބާ.؟

ފަރީނާގެ ހިތާހިތާ ސުވާލުކުރަމުން ގޮސް ކޮޓަރީގެ ދޮރު ހުލުވާލިއެވެ. އެވަގުތު ފަރީނާގެ މޭ ބާރުބާރަށް ތެޅެންފެށިއެވެ. ކޮޓަރީގެ ދޮރުމަތީ ހުރީ ދާއޫދެއް ނޫނެވެ. ފަރީނާގެ ހަށިގަނޑު ނޮޅައިގެން ކަމުން އަންނަ ހާރޫނެވެ. ފަރީނާހުރީ ގުޑާލަންވެސް ނޭނގިފައެވެ. އަނގައިން ބަހެއް ބުނަންނޭނގި މަންމަނު ވެފައެވެ. ހާރޫނު ފަރީނާއާ ދިމައަށް އަންނަން ފެށުމުުން ފަރިނާ ޖެހުނީ އެތެރެއަށެވެ.

ފަރީނާގެ ހިތް މޭގައި ހިފެހެއްޓުމެއްނެތި ތެޅިފޮޅެމުން ދިޔައެވެ. ކުރާނެކަމެއް ހަދާނެގޮތެއް ނޭނގިފައި ބިރުން ހުއްޓެވެ. އެވަގުތު ބޭރުން ދާއޫދުގެ އަޑުއިވުނެވެ. ފަރީނާއަށް ގޮވާ މަސްކައްކަން އަންނާށޭ ބުނާއަޑެވެ. އަދި ދެފަހަރަށް ފަރީނާއަށް ގޮވާލުމަށްފަހު ގެޔާ ދިމައަށް އަންނަ އަޑުއިވުނެވެ. އެވަގުތު ހާރޫނު އިށީނީ އަދުހަމްއާއި އަޒްލިފާ ނިދާފައިއޮތް އެނދުގައެވެ. އަދި ދެކުދިންގެ ބޮލުގައި ފިރުމާލިވަގުތު ދާއޫދުވެސް އައިސް ކޮޓަރިއަށް ވަނެވެ. ފަރީނާ ދާއޫދުގެ ގާތަށް ދިޔައެވެ.

ދާއޫދުހުރީ ހައިރާންވެފައެވެ. ދާއޫދުގެ ބައްޕަ ދުވަހަކުވެސް އެކުދިންގެ ގާތަކަށް ނުވަދެއެވެ. ނަމަވެސް މިރޭ އެކުދިންގެ ގާތުގައި އިންތަން ފެނުމުން ދާއޫދު ވަރަށް އުފާވިއެވެ. އެދެކުދިންގެ ފައިތިލާގައި އަތްފިރުމާލުމަށްފަހު ހާރޫނު ތެދުވެ ދާއޫދުއާ ވާހަކަދެއްކިއެވެ.

ދާއޫދު ކޮބާ މަހެއް ބެވުންތަ؟ ހާރޫން ސުވާލުކުރިއެވެ.

އާނ. މަސްވެރިކަން ރަނގަޅު. މިރޭ ވަރަށް ރަނގަޅަށް ފަރުމަސް ބޭނުނު .. ދާއޫދު ޖަވާބު ދިނެވެ.

އެހެންތަ؟ ޖައުފަރު މިރޭ ވަރަށް މަސްކާލާނެތާ.. އޭނަ ވަރަށް ފަރުމަހަށް ފޯރިހުންނާނެ.. ހާރޫނު ބުންޏެވެ.

ޖައުފަރާއި ހާރޫނަކީ ދެބެންގެ ދެދަރި ދެބެންނެވެ.

އެވަގުތު ދާއޫދުގެ ލޮލުގައި އަޅައިގަތީ ހާރޫނުގެ އަތުގައިއޮތް ކަޅުކުކުޅު ބިހަކަށެވެ. އެބިސް އޭނާގެ މުށުތެރެއަށްލައިގެން އޭގައި ބޮޑުވާތްއިނގިލި ހަކާލާ ހާކާލަ ހުއްޓެވެ. ދާއޫދުގެ ބޮލުގައި އެވަގުތު ރިއްސާލިއެވެ. ބައްޕަ މިކޮޓަރިއަށް ވަދެ މިއުޅެނީ ކީއްކުރަން ބަވައޭ ދާއޫދުގެ ހިތާހިތާ ސުވާލުކޮށްލިއެވެ.

ބައްޕަ މިރޭ އެހިން ފަރީނާ ރޯއަޑު.. ކިހިނެތްވީ. ތާކަށް ތަދުވަނީތަ؟ ބައްޕައަށް ބައެއްފަހަރު ކުރެވޭ ކަންކަމުން ދަރިފުޅަށް އުނދަގޫވާކަން ބައްޕައަށް އެނގޭ.. އެހެންވެ މިއައީ ދަރިފުޅަށް ތިޔަވާ އުނދަގޫތަކުން ދަރިފުޅު ރަނގަޅުކުރަން ކޮންމެވެސްކަމެއް ކޮއްދޭން.. ފަރީނާއާ ވާހަކަ ދައްކަމުން ހާރޫނު ބުންޏެވެ.

އެވަގުތު ދާއޫދުގެ ހިތަށްއެރިއެވެ. ބައްޕައަށް ވިސްނުނީބާވައެވެ. ބައްޕަ ރަނގަޅުވީބާވައެވެ.!

އާދެބަލަ މިތާ އެނދުގައި އޮށޯންނަން. ބައްޕަ ކުޑަކޮށް ކިޔަވާލާނަން. ފަރީނާއަށް އިޝާރާތްކޮށް ހާރޫނު ބުންޏެވެ. އެވަގުތު ފަރީނާ ދާއޫދުގެ މޫނަށް ބަލާލިއެވެ. ދާއޫދު އޭނާ ބައްޕަދެކެ ގަނެފައި ހުންނަ ބިރަކުން އެއްވެސް އެއްޗެއް ނުބުނާނެކަން ފަރީނާއަށް އެނގެއެވެ. އެހެންކަމުން ފަރީނާއަށް ހާރޫނުގެ އަމުރަށް ކިޔަމަންވާން މަޖުބޫރުވެއްޖެއެެވެ. ފަރީނާ ދާއޫދުގެ މޫނަށް ބަލަންހުރެ އެނދުގައި އޮށޯވެއްޖެއެވެ. ހާރޫނު އޭނާގެ އަތުގައިއޮތް ކަޅުކުކުޅުގެ ބިސް ފަރީނާ ބޯއަޅައިގެންއޮތް ބާލިސް ދަށަށް ލިއެވެ. އެވަގުތު ފަރީނާގެ ދެލޯ….

(ނުނިމޭ)

7 ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!

ވާހަކަ ސާރާ ފުރަތަމަ ބައި

ވާހަކަ ސާރާ ދެވަނަ ބައި

ވާހަކަ ސާރާ ތިންވަނަ ބައި

ވާހަކަ ސާރާ ހަތަރު ވަނަ ބައި

ވާހަކަ ސާރާ ފަސް ވަނަ ބައި

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ