މުދައްރިސުންގެ ދުވަސް ފާހަގަ ކުރަންވީ ކީއްވެ.!؟

މުޅި ޤައުމު އެބަޔަކައްޓަކައި ފަޚުރުވެރިވުން ޙައްޤު ބައެކެވެ. އަމިއްލަ މަސްލަހަތާއި، ދުނިޔަވީ އުފަލައްވުރެ، ޤައުމާއި، މުޖުތަމައާއި، ދަރިވަރުންގެ ޙައްޤުގައި އަމިއްލަ އުފާތައްވެސް ޤުރުބާން ކުރަައްވަވާ ބައެކެވެ. މިދައްކަނީ، އެބައެއްގެ ފުރިހަމަ ޚިދުމަތް ދުވަހަކުވެސް ޖައްވުން ފިލައިގެން ނުދާނޭ ބައެއްގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުންގެ ވާހަކައެވެ. ޤައުމު އައު އުސްމިންތަކަކަށް ކުރާ މިދަތުރުގެ އާރުކާޓީންގެ ދައުރު އަދާކުރަމުން އަންނަ، އަޅުގަނޑުމެންގެ މުދައްރިސުންނަކީ، މުޖުތަމައުގެ ކޮންމެ ރަނގަޅު ކަމެއްގައި ހިއްސާއެއް އޮންނަ ބައެއްކަން މިފާހަގަ ކުރަނީ ނުހަނު އުފަލާ އިޙްތިރާމްއާއި އެކުގައެވެ. މުދައްރިސުންގެ ހުނަރު ދައްކާލަނީ ހަމައެކަނި ކުލާހުގެ ހަތަރު ފާރުން އެތެރޭގައެއް ނޫނެވެ. މުޖުތަމައު ހޭލުންތެރި ކުރުވުން ފަދަ ކަންކަމުގައި މުދައްރިސުންގެ ހިއްސާބޮޑެވެ.

މީގެ އިތުރުންވެސް، މުޖުތަމައުގެ ހިއްސާވާ ކޮންމެ ކަމެއްގައި، މުދައްރިސުންގެ ހިއްސާ ކޮންމެވެސް ގޮތެއްގައި ވާނެއެވެ. މުދައްރިސުންނަކީ ކޮންމެ މީހަކުވެސް ޤަދަރު ދޭންޖެހޭ ބައެކެވެ. ސަބަބުތައް ކިތަންމެހާވެސް ގިނައެވެ. އެބޭފުޅުން އެނަންގަވާ ޒިންމާ ބޮޑު ކަމުންނެވެ. އަދި ޒިންމާ ނަންގަވާލެއް ފުރިހަމަ ކަމުންނެވެ. ކުލާސް ތެރޭގައި، އަޅުގަނޑުގެމެންގެ ދެވަނަ މައިންބަފައިންގެ ޒިންމާ އަދާކުރަމުން އެއަންނަނީ، ވަރުބަލި ކަމެއް ޝަކުވާއެއް ނެތިއެވެ. ކުލާހުގައި ކިޔަވާ ދެއްވާ އެއްޗެއް ފަހުމް ނުވާ ދަރިވަރުންނަށް އިތުރަށް ސަމާލުކަންދީ، ފިލާވަޅުތައް އެނަންގަވާ ދެއްވަނީ އަމިއްލަ ދަރިއަކަށްވެސް ކިޔާނުދޭހާ ލޯތްބާ އޯގާތެރި ކަމާއިއެކުއެވެ.

ރޭގަނޑާއި ދުވާލު އަޅުގަނޑުމެންގެ ކިޔެވުމުގެ ކަންތައްތަކަށް އެހުސްކޮށްލަނީ ހަމަ ހެވިލާފައި ހުރެއެވެ. މެންދަމަކަސް ފަތިހަކަސް، އަޅުގަނޑުމެން ކުރައްވާ ސުވާލު ތަކަށް ޖަވާބު ދެއްވުމަކީ އުފަލެއް ކަމުގައި ދެކިލައްވައެވެ. އަދި، އަޅުގަނޑުމެންނަށް ކޮށްދެންޖެހޭ ކަމެއް އެއްކިބާކޮށް، އަމިއްލަ ކެއްގައި ފަޅިކިސުންތެއް ހޭދަކުރުމަށްވެސް މިބޭފުޅުން ނުރުހުންވެއެވެ. މިފަދަ ގޮތަކަށް މިބަތަލުންނާއި ބަތަލާއިން މަސައްކަތް ކުރުމުގެ ހަޤީޤީ މަޤްސަދަކީ ކޮބާ ބާވައެވެ.!

މިހުރިހާ ދުވަހު ދަރިވަރެއްގެ ހައިސިއްޔަތުން މުދައްރިސުންނާއި އެކު ހޭދަ ކުރެވުނު ދުވަހުން އެއްކަމެއް އެގުނެވެ. މުދައްރިސުން އެކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާއަށް އެބޭފުޅުން ބޭނުންވަނީ، މަހު މުސާރައިގެ ސިފައިގައެއްނުނެވެ. ދަރިވަރުންގެ ނަތީޖާއިންނެވެ. ނަތީޖާ ލިބުނު ދުވަހު އަޅުގަނޑުގެ މުދައްރިސުންގެ މޫނުން އެކަން، އަޅުގަނޑަށް ވަރަށް ސާފުކޮށް އެގުނެވެ. ކޮންމެ މުދައްރިސެއްގެ އަޒުމަކީ ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވާ، އެދަރިވަރުންނަކީ ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ފައިތިލަ ސާބިތުކުރެވޭ ވަރުގެ ހަރުދަނާ ބަޔަކަށް ހެދުން ކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ.

މުދައްރިސުންގެ ޚިދުމަތް އަޅުގަނޑު މެންނަށް ލިބެމުންދަނީ، ޝުކުރުވެރިވުން ދަތި، އެހެންނަމަވެސް ފަޚްރުވެރިވުން ހައްޤު ގޮތަކަށެވެ. މިފުރުސަތުގައި އަހުރަވެތި ހުރިހާ މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ، ހިތުގެ އެންމެ ފުންމިނުން އަރިސް ކުރަމެވެ. އަދި، ދަރިވަރެއްގެ ހައިސިޔަތުން، ތިއެންމެހާ މުދައްބިރުން ތިކޮށްދެއްވާ މަސައްކަތައް، ހައްޤު އަދަބުތައުޒީމް އަދާކުރުގެ އުފާލިބިގަންނަމެވެ.

މުދައްރިސުންގެ ލާޡާނީ ޚިދުމަތްތަކުގެ އަގުވަޒަން ނުކުރެވޭނެކަން ދެނެހުރެމެ، ތިބޭފުޅުންނަށް، ލިބޭ އުފަލަކާއި ފަޚުރަކަށް ދަރަނިވެރި ވެފައިވާ ޙައްޤު ޝުކުރު މުދައްރިސުންނަށް އަދާކުރުން އެންމެ މުނާޞިބު ވަގުތުގައި އެކަން ކުރުމުގެ އުފާ ލިބިގަންނަމެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ