ވާހަކަ: ކުށުގެ އަދަބު

ޒާޝާ ގޮވައިގެން ނީމް ދިޔައީ ރަސްފަންނަށް ހިނގާލާށެވެ. ހަފްތާ ބަންދުގެ ކޮންމެސް އެއްދުވަހެއްގައި ދަރިފުޅު ގޮވައިގެން ހިގާލަން ދެވޭތޯ ނީމް ކޮންމެހެންވެސް ބަލައެވެ. އޮފީހުގެ ބުރަ މާހައުލުން ނިކުމެ ދަރިފުޅާ އެއްކޮށް ހޭދަކުރާ ކޮންމެ ގަޑިއަކީވެސް އެ ދަރިފުޅު އުފާވާނޭ ކަހަލަ ގަޑިއަކަށް ހެދޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ. ” މަންމީ …. މަންމީ … ކޮއްކޮ މިތަނުން ޝެލް ކޮޅެން ހޮވަންތަ؟.. އުމުރުން އެންމެ 3 އަހަރުވީ ޒާޝާ ގެ ތުއްތު ތުއްތު އަޑުން އޭނާގެ މަންމަ ގާތުން ހުއްދައަށް އެދުނެވެ. ” ލައްބަ މަންމިގެ ދޫނީ … އަވަހަށް ހޮވާ… އަން .. މި ބޭގަށް އަޅާ….”  ނީމް ވަރަށް ލޯބިން އޭނާގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ.

ނީމް ޒާޝާ ފެންނަ ހިސާބު ޖޯލީގައި އިށީނެވެ. ޒާޝާ ގޮނޑުދޮށުން އަތުގައި އޮތް ކޮތަޅަށް ތަފާތުގެ ވައްތަރުގެ ރިދަލި އަޅަމުން ދިޔައެވެ. ނަމަވެސް އޭނާގެ ސަމާލުކަން ދަމައިގަތީ އެތަނަށް ރިނދަލި ހޮވަން އައި އެހެން ކުއްޖަކަށެވެ. އެކުއްޖާއާއި މަންމައާއި ބައްޕަ އުޅެމުން ދިޔަ އުފާވެރި މަންޒަރުން އެ ކުޑަ ކުޑަ ޒާޝާއަށް ވެސް އޭނާގެ ބައްޕަ ނެތް ކަމުގެ ހިތާމަވެރި އިހުސާސް ކުރެވުނެވެ. ނީމް އާއި ހަމަޔަށް ޝަކުވާ ހިފައިގެން ދިޔައެވެ. ނަމަވެސް ނީމް ކޮންމެސް ގޮތަކުން މަޢުލޫ ބަދަލުކޮށްލިއެވެ.

މާމާ….. މާމާ…. ގެޔަށް ވަދެވުމާއެކު ޒާޝާ އޭނާގެ މާމަ ބަދޫރާ އުގަން ވަދެ ބޮނޑިވެލިއެވެ.  ނީމް އައިގޮތަށް ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހުމަށް ފަހު އެދުމައްޗަށް ވެއްޓިގަތެވެ. ބާލީސް ފޯވަންދެއް ރުޔެވެ. ހުއްޓާ ނުލާ ވިސްނެނީ ޒާޝާ އަށް ދޭނެ ޖަވާބަކާމެދުއެވެ. އެއްވެސް ކަމެއް ވިސްނޭ ވަރަށް ވުރެ އެއީ މާ ތުއްތު ކުއްޖެކެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަކުރަން ޖެހޭނެއެވެ. ނީމް ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ތަޅައިގެން އަޑަށެވެ. ޓިޝޫއަކުން މޫނު ފޮހެލުމަށް ފަހު މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ނީމްގެ މަންމަ ބަދޫރާއެވެ. ބަދޫރާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ނީމް ދޮރު ލެއްޕިއެވެ. ނީމްގެ ހިތުގައި ބަދޫރާއަށް ނަފްރަތު ނޫން އެހެން އެއްޗެއް ނުވެއެވެ. ހުދު ބަދޫރާއަށް ވެސް އެކަން އެގެއެވެ. ނަމަވެސް ބަދޫރާ ކޮންމެ ހާލެއްގަ ނީމްގާތުގަ އުޅެގެންވެސް އޭނާގެ މާފު ހޯދަން ބޭނުންވެއެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ޒާޝާގެ އުމުރުން 17 އަހަރުވެއްޖެއެވެ. ނީމް އަދިވެސް ހުރީ ޒާޝާއަށް ހުސްވެގެންނެވެ. ޒާޝާގެ އެއްވެސް ކަމެއް އެހެން މީހަކާ ހަވާލުނުކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން ދިޔައީ ނީމް އަށް ލިބޭ އެއްޗަކުންނެވެ. ރަގަޅު ވަޒީފާއެއް ލިބިފައި ހުރުމަކީ ނީމް އަށް މިހާ ހިސާބަށް އާދެވުނު މައިގަނޑު ސަބަބެވެ. “މަންމާ… ކޯއްޗެއްތަ ކާން ހުރީ .. ވަރަށް ބަނޑު ހައި……” ކޮލެޖް ނިމިގެން ގެއަށް އާދެވުމާއެކު ޒާޝާ ނީމްގާތު އެހިއެވެ. ” އެހެންނުވާނީ…. ދަރިފުޅު ކައިރީ މަންމަ ބުނަން ދޯ ހެދުނު ރަގަޅަށް ސައިބޮއެގެން… ލަންޗް ބޮކްސް ހިފައިން ދާށޭ” ނީމް ހިތް ހަމަ ނުޖެހުނެވެ. ” އެކަމަކު މަންމަ ބުންޏަކަސް ….. އަހަންނަކަށް ނުކެރޭނެ ލަންޗު ބޮކްސް ގެންދާކަށް… މީ ކުޑަކުއްޖެއް ނޫނޭ މިހާރު…. އެހެން ނޫނަސް ހުރިހާ ކުދިން ދަނީ ކެންޓީނަށް…..” ޒާޝާ ބޮޑާ ހާކަން ފެށިއެވެ. ” ހުއްޓާލާ .. ޒާޝާ… އެހެންކުދިން އުޅޭހާ ގޮތަކަށް ޒާޝާއަކަށް ނުޖެހެ އުޅޭކަށް.. މާ ބޮޑާ ހާކަންޏާ ގޭގަ ހުރޭ ކޮލެޖަށް ދާނެ ކަމެއް ނެތް” ނީމް ރުޅިގަދަވިއެވެ.  ޒާޝާ ނުވެސް ކައި ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ” މަންމަ ކީއްވެތަ އަހަރެން އެހާ ހިފަހައްޓަނީ.. އަހަރެންގެ އެއްވެސް ރައްޓެއްސެއްވެސް ނެތް… އެހެންކުދިން ނިކުމެ އުޅޭހެން ކުޅެލާ މަޖާކޮށްލަން އަހަރެންވެސް ބޭނުން…އަހަރެން މީ އެހާ ގޯސްކޮން އުޅޭ ކުއްޖަކީތަ؟…” ޒާޝާ ފެންކަޅިވެ ހުރެ އަމިއްލަ ނަފްސާއި ސުވާލު ކުރަމުން ގެންދިޔައެވެ.

ނީމް އޮފީހުގައި ހުރެފައި ގެއަށް އައީ ޒާޝާ ފޯން ނުނަގައިގެންނެވެ. ޒާޝާ ސިޓިންގް ރޫމްގައި ޓީވީ ބަލަން އިނެވެ. ” ދަރިފުޅާ .. މަންމަ ކިހާ ވަރަކަށް ގުޅައިފިން… ކީއްވެތަ ފޯން ނުގަނީ” ނީމް އައިސް ސޯފާގައި އިށީނެވެ. ” ފޯން އައިކަން ނޭގެނީދޯ… މަންމަ މިއައީ ބިރުން ވީ ގޮތެއް ނޭގޭތީ.. ” ނީމްވާހަކަ ދެއްކިއެވެ. ” މަންމަ ކީއްވެތަ އެހާ ބިރެއް ތި ގަންނަނީ.. މިތާ ނޫޅޭ ދޯ އަރާކާއެއްޗެއް… އަހަރެންނަށް ހީވަނީ ޖަލެއްގަ އުޅެވޭހެން… މަންމަ ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ކުރަން މިޖެހެނީ… ކޮން ކުށެއް ކޮށްގެންތަ  އަހަރެން ގައިދީއަކަށް ހަދައިގެން ތި ގެންގުޅެނީ…. އަހަރެން މީ ބައްޕަ ނެތް ކުއްޖެއްވީމަ ތަ؟” ޒާޝާ ބަސްތަކުން ނީމްއަށް ހީވީ އޭނާގެ ހިތަށް މީހަކު ތޫނު ހަންޖަރެއް ޖެހި ހެންނެވެ.   އެމަންޒަރު ބަލަން ފެންކަޅިވެފައި ބަދޫރާ ހުއްޓެވެ. ނީމްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށިއެވެ… ” ދެން މިނޫން ކޮން ގޮތެއް އަހަރެންނަށް އޮތީ….. މަންމަ ބޭނުމެއް ނޫން … މަންމަ އަށް ވީހެން….” ނީމްގެ ވާހަކަ އެހާ ހިސާބުން ހުއްޓާލިއެވެ.. ” މަންމަ އަށް ކިހިނެއްވީ؟.. ” ޒާޝާ ހައިރާންވެފައި ސުވާލުކުރިއެވެ. ނީމް ލޮލުން ކަރުނަ ފޮހެލާފައި ގަދަކަމުން ހިނިތުން ވެލިއެވެ. ” ކަމެއް ނުވެ ދަރިފުޅާ” ނީމް ހިމޭން ވެލިއެވެ. އަދި ކޮޓަރިއަށް ދިއުމަށްޓަކާ ތެދުވިއެވެ.  ” މަންމަ ބުނަން ތިއުޅެނީ މަންމަ ކުރި މުޑުދާރު އަމަލު އަހަރެން ވެސް ކޮއްފާނެ އޭތަ؟… ބައްޕަ ނެތް ކުއްޖަކަށް އަހަރެންވެސް ބަލިވެ އިދެފާނޭތަ؟. ޒާޝާ ގެ ބަސްތަކުން ނީމްގެ ހިތް ކުދި ކުދި ވިއެވެ. ދެފައިން ވާގި ދޫވެ ތަށިމުށިގަނޑު މަތީ ދެކަކޫ ޖެހުނެވެ. “ޒާޝާ ” ބަދޫރާ އަށް ނުހުރެވިގެން އައިސް ޒާޝާގެ ކޯތާފަތްމަތީ ބާރަށް ޖެހިއެވެ. ” އެއީ ޒާޝާގެ މަންމައޭ.. ހިތަށް އައިހާ އެއްޗެއް ތިކިޔަނީ..” ބަދޫރާ އަށް ރޮވެން ފެށުނެވެ.އަދި އެހާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވައިގެން އުޅުނު ހަޤީގަތް ކިޔައިދޭން މަޖުބޫރުވިއެވެ.

 ” ދަރިފުޅާ… ޒާޝާ މާމައަށް މާފުކުރޭ.. މިހުރިހާ ކަމެއްވެސް ވީ މާމަގެ ސަބަބުން…ބައްޕަނެތް ކުއްޖެއްގެ ގޮތުގައި ދަރިފުޅު ދުނިޔެއަށް އައުމާއި … މަންމަ އެހާލުގައި އުޅެން ޖެހުނީ މާމަގެ ނުބައި ކަމުން…. ” ދަރިފުޅާ … ދަރިފުޅުގެ މަންމަ… އެ މަންމަގެ އިއްފަތްތެރިކަން ….. މާމަ ކުއްޔަށް   ދިނީ ހިލޭ ފިރިހެނުންނަށް.. ބަދޫރާ ގިސްލަ ގިސްލާފައި ރޮމުން ޒާޝާއަށް ކިޔައިދިނެވެ. ފައިސާގެ ދަހިވެތި ކަމުގަ އަހަރެންގެ ދަރިފުޅު އަހަރެން ކުއްޔަށް ދނީ… އެ މަންމަ އަކަށް ނުވެސް އެގޭނެ  ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއްވެސް……. ބަދޫރާ އަށް ރޮވޭ ވަރުން ވާހަކަ ދެއްކުނީ ކިރިޔާއެވެ.

ޒާޝާ އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. މަންމާ.. އަހަރެންނަށް މާފުކުރޭ….އެހެން މީހަކު ކުރި ކުށުގެ އަދަބު އަހަރުމެން ދެމައިންނަށް މި ލިބުނީ… ދެން ވީކަމެއް ނުވާ ކަމަކަށް ނުވާނެ…. ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރާނީ… އަހަރެންނަށް އެނގޭ މަންމަ އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަން… ޒާޝާ  ނީމް އަށް ހިތްވަރު ދިނެވެ. ” މާމާ.. މާމައަށް ހެޔޮ ވިސްނުން ދެއްވާށި… އެކަމަކު މަންމަ އާއި އަހަރެން ދުވަހަކުވެސް މާމައަށް މާފެއް ނުކުރާނަން…  މާމ ތިކުރީ މާފު ކުރާ ވަރުގެ ކުށެއް ނޫން… ޒާޝާ ލޮލުން ކަރުނަ ފޮހެލުމަށްފަހު ނީމް ގޮވައިން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

ނިމުނީ

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ