ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާމެދު އަޅުގަނޑުގެ ޚިޔާލު! (ފުރަތަމަބައި)

މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެ އިސްލާމްކަންމަތީ އުފަންވި ދިވެހި މި ޖީލަށް ވަނީ 1990 ވަނަ އަހަރުގެ ތެރޭގައި ތަސައްވަރުނުކުރެވޭފަދަ ބަދަލުތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި 1990ގެ އަހަރުތަކުގެ ތެރޭގައި އިސްލާމްދީން ރަނގަޅަށް އޮޅުންނުފިލާތިބި ބަޔަކާއި އިސްލާމްދީނަކީ ތެދުވެރިކަމާއި އިންސާފަށްލޯބިކުރާ ދީނެއްކަމުން އެކަމާއިބިރުހީވި މަދުބަޔަކު ދިޔައީ އެންމެންގެ މައްޗަށް ބާރުފޯރުވާ ދީން ބަލިކަށިކުރުމަށް މަސައްކަތްކުރަމުންނެވެ.  މުސްލިމުންނަށް ވީތީ އަހަރެމެންނަކީ އިސްލާމްދީނަށް ނަސްރުދީ އިސްލާމްދީން ކުރިއަރުވަން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ބައެކެވެ.

 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސްރީލަންކާ، އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުގައި އަހަރެމެން ރެޔާ ދުވާލު ވަކިން ސިއްރިއްޔާތުގައި މަސައްކަތްކުރަމުން އައީ ޚުދުމުހުތާރު ވެރިކަމެއް ބަދަލުކުރުމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި  ރާއްޖޭގެ ކަމުވޮށިގެންވާ ފަރާތްތަކުން މި ސިސްޓަމަށް ގޮންޖެހުމަށް މަސައްކަތް ކުރިނަމަވެސް އެމީހުންގެ މަސައްކަތްވީ ނާކާމިޔާބެވެ. ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މިހާރު ރާއްޖޭގައި މިކަމާ އެންމެ ގިނައިން ވާހަކަދައްކާ މީހުންނަކީ އާންމު ތަންތަނުގައި ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނަންނުކެރޭ މީހުންނެވެ.  އޭރުގައި ދިވެހިންގެ ޙާލަތަކީ އަމިއްލަ ކޮޓަރީގައިވެސް މިހާރު މިއޮތް ސިސްޓަމްގެ ވާހަކަ ދައްކަން ނުކެރުމެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލު އަންނަންފެށީ ސަންދާނު ނޫސް މަޖައްލާގެ ސަބަބުންނެވެ. މި ބަދަލުތައް އަންނަންފެށީ އެ މަޖައްލާއިން ދިވެހިރާއްޖޭގެ މިނިސްޓްރީތަކުން ކުރަމުން އަންނަ ކޮރަޕްޝަންގެ ކަންތައްތައް އެ ތަންތަނުގައި މަސައްކަތްކުރާ ބައެއް ފަރާތްތައް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށްފަހު ހާމަކުރަން ފެށުމުންނެވެ.  އެކަންތައް ވެގެންދިޔައީ ސަރުކާރުންކުރާ ކަންތައްތައް ހާމަކުރުމަށް ގޮވާލާ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ހަރަކާތަކަށެވެ. މީގެ ސަބަބުން ކުރިން ސަރުކާރުދެކެ ބިރުގަތުމާ، ސަރުކާރަށް އޮންނަ ވަފާތެރިކާމާއި ފަޚުރަށްޓަކައި ކުރިން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ސުވާލުނުކުރާ ގިނަ ފަރާތްތަކުން ސުވާލުކޮށް އެކަމާ ދޭތެރޭ ވިސްނަންފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަންދާނު މަޖައްލާގެ ކޮޕީއެއް އޮތް މީހެއްވިޔަސް އަދި އެ މަޖައްލާ ބެހިކަން އެނގިއްޖެނަމަވެސް، އެއްވެސް ސަބަބަކާ ނުލައި އެމިހަކު ދިޔައީ ހައްޔަރުކުރަމުންނެވެ.

ހިނގާދިޔަ ކަންތައްތަކުގެ ފަހުން އުފަންވި މީހުންނަކަށް އެއީ ކިހާވަރެއްގެ ކަންތައްތަކެއްކަން ޚިޔާލަށްގެންނަން ދަތިވާނެއެވެ. މި ކަމާ ގުޅިގެން ސަރުކާރުންވަނީ ސަންދާނު ހިންގާ ފަރާތްތަކުން އީމެއިލްތައް ފޮނުވަނީ ކޮންތަނެއްގައި ތިބެގެން، ކިހިނެއް، ކޮންބަޔަކަށްކަން ހޯދުމަށް އޮޕަރޭޝަނެއް ފަށާ އެކަމަށް ޚާއްސަ ބަޔަކު ހަމަޖެއްސިއެވެ.  އެކި ޕްރޮކްސީ ސަރވަރތައް ބޭނުން ކުރުމުގެ ސަބަބުން ސަރުކާރުން މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ސަންދާނު މަޖައްލާ ނެރޭ ކޮންމެ ފަހަރަކު 30 ޕްރޮކްސީ ސަރވަރ ބޭނުންކުރުމުގެ ސަބަބުން މައުލޫމާތު ހޯދަން އުޅުނު ފަރާތްތަކަށް ފެނިފައިވަނީ 10 ގައުމަކުން އެ މަޖައްލާ ނެރެމުންދާ ކަމަށެވެ. ކަންދިމާކުރިގޮތުން ސަރުކާރަށް ސަންދާނު ޓީމްގައި ހިމެނޭ މީހުންގެ މައުލޫމާތު ލިބިފައިވަނީ ސަންދާނު ޓީމުގައި ހިމެނޭ މީހުންގެ ތެރެއިން އެކަކު ގައްދާރުވެ، ސަންދާނު ޓީމުގައި ހިމެނޭ މީހުނާއި އަދި ތަނުގެ މަޢުލުމާތު ސަރުކާރަށް ދިނުމުންނެވެ. ޤަބޫލުކުރެވޭ ގޮތުގައި އެ މަޢުލޫމާތު ދިން ފަރާތަށާއި އޭނާގެ އާއިލާއަށް ސަރުކާރުން ބޮޑު އިނާމެއް ދީފައިވާނެއެވެ. އެކަންތައް މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.

 އަހަރެންނާ އަހަރެންގެ އާއިލާއަށް އެ ދުވަހަކީ ހަނދާނުން ފޮހެލަން ދަތި، މާތްﷲ ގެ ކުޅަދުންވަންތަކަން ހާމަވެގެން ދިޔަ ދުވަހެކެވެ. ހަނދާންކުރަންޖެހޭ ކަމަކީ ހުރިހާ ހެވަކާ ނުބައެއް މެދުވެރިކުރައްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމެވެ. އެއްވެސްކަމެއް އެކަލާނގެ އިރާދަފުޅުން މެނުވީ ނުމެވާހުށްޓެވެ. ސަރުކާރަށް މަޢުލޫމާތުދޭ ފަރާތްމެދުވެރިކޮށް ލިބުނު މަޢުލޫމާތުގެ އަލީގައި ސަންދާނު މަޖައްލާގައި މަސައްކަތްކުރަމުންދިޔަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޙަރަކާތަތެރިވަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން އައީ ކަންތައްތަކެއް ރާވަމުންނެވެ. މިކަންތައް މިހެން ދިމާވީ ކީއްވެގެންތޯ؟ ކަންދިމާކުރިގޮތުން އެދުވަސްވަރަކީ ތަރައްގީވަމުން އައި ދުނިޔޭގެ އެކި ގައުމުތަކުން އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ހުންނަ ޚުދުމުހުތާރުގޮތަށް ވެރިކަންކުރަމުން އައި ދުވަސްވަރެވެ.

ޚުދުމުހުތާރުވެރިން އޭރު ޢަމަލުކުރަމުން އައީ ސަރުކާރާ އިދިކޮޅު ފަރާތް ހޯދުމަށް އިންޓަރޕޯލް ނޯޓިސް ނެރޭ ފަރާތްތަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށް އެފަރާތްތައް ހައްޔަރުކޮށް އަދި  އެފަދަ ކޮންމެ ޤައުމެއްގެ އެއްބާރުލުން ހޯދުމެވެ.  އެމީހުން އެކަންތައް ކުރަމުން އައީ ވަރަށް ފުރިހަމަ ބާރާއެކުގައެވެ. އެމީހުން ރާވާފައިވާ މޮޅު ރޭވުމުގެ ސަބަބުން ސަންދާނު ޓީމުގައި ހަރަކާތްތެރިވި އެކި ގައުމުތަކުގައި ތިބި މިހުންނަށް އެކަކު އަނެކަކާ މުޢާމަލާތްކުރާނެ ފުރުސަތުވެސްވަނީ ނުލިބިފައެވެ. އެމީހުންގެ ރޭވުމަކީ ވަރަށް ގިނަ ފަރާތްތަކެއް ޝާމިލުވެގެން ރާވާފައިވާ ވަރަށް ފުރިހަމަ ރޭވުމެކެވެ. ސަރުކާރުންވަނީ މެލޭޝިއާގެ އިންޓަރޕޯލްއާ ގުޅިގެން ސިއްރިއްޔާތުގައި މެލޭޝިއާގެ ޖަލަން އަމްޕަންގުގައި ހުންނަ އަހަރެމެންގެ ގޭއާއި އަދި އޮފީހުގެ މަޢުލޫމާތު ހޯދާފައެވެ.  އެމީހުން އޮޕަރޭޝަން ހިންގާފައި ވަނީ ސިއްރިއްޔާތުގައި އެއްވެސް ބަލާ ފާސްކުރުމުގެ ހުއްދަޔަކާ ނުލައެވެ. އަދި އެކަން މެލޭޝިއާގެ ސަރުކާރުގެ ވަކީލުންނަށްވެސް އެނގިފައި ނުވެއެވެ. އެމީހުން ހިންގި އޮޕަރޭޝަންގެ ސަބަބުން ސަންދާން ޓީމްގައި ހިމެނޭ ހުރިހާ މެމްބަރުން ތިބީ ކޮންގައުމެއްގައިކަން ވަނީ އެނގިފައެވެ.

ބޮޑު އޮޕަރޭޝަން ހިންގި ދުވަސް

މިދުވަހަކީ މި އޮޕަރޭޝަން ފެށުނު ދުވަހެވެ. އެކަމަކު ކަންދިމާކުރި ގޮތުން އެމީހުން ހީކުރިގޮތާ ޚިލާފަށް އަހަރެން ހުރީ އަހަރެން ހުންނަންޖެހޭ ތަނެއްގައެއް ނޫނެވެ. އެދުވަހު އަހަރެންގެ ބަދަލުގައި އެތަނުގައި ހުރީ އަހަރެންގެ ކޮއްކޮއެވެ. އަހަރެން ހުރީ ކޭ.އެލް.ސީ.ސީ ޝޮޕިން ސެންޓަރުގައެވެ. އަހަރެންނަށް އަހަރެންގެ އާއިލާއިން ގުޅާ އަހަރެމެންގެ ގެއާއި އަދި އޮފީހަށް މެލޭޝިއާގެ އިންޓަރޕޯލް އިން ވަންވާހަކަ އެންގިއެވެ. އަހަރެންގެ އާއިލާއިން ގެ ބަލާ ފާސްކުރުމުގެ އަމުރު ދެއްކުމަށް އެދުމުން ބާރުގެ ބޭނުންކޮށްގެން ވަންނާނެ ކަމުގެ އިންޒާރު އެމީހުން ވަނީ ދީފައެވެ. އަހަރެންގެ އާއިލާއިން ފޮރުވާނެ އެއްވެސް އެއްޗެއް ނެތްކަމަށާއި ބޭނުން ވަރަކަށް ގެ ބަލާފާސްކުރިޔަސް ހެޔޮ ކަމުގައި ބުންޏެވެ. އެމީހުން ވަނީ އަހަރެންކަމަށް ހީކޮށް އޮފީހުގައި އެވަގުތުހުރި އަހަރެންގެ ބޭބެ ހައްޔަރުކޮށްފައެވެ.

ވިޔަފާރި ދަތުރެއްގައި ރާއްޖެއަށް އައިސްހުރި އަހަރެންގެ ބައްޕަޔަށް އެވަގުތު ގުޅިއިރު އެމީހުންވަނީ ބައްޕަ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި އެންމެން ޖަލުގައި ބައިތިއްބާފައި ތިބީ އެއްބަޔަކު އަނެއްބަޔަކާ ވާހަކަދެކެވޭގޮތަށް ނޫނެވެ. އެމީހުންނަށް ކޮންމެ ދުވަހަކުހެން ޖިސްމާނީ ގޮތުންނާއި ނަފްސާނި ގޮތުން އަނިޔާ ލިބެމުންދިޔައެވެ. އަނިޔާ ލިބުނު ނަމަވެސް ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހުންނަށް މައުލޫމާތު ޙިއްސާކުރާ ފަރާތްތަކެއް ހާމައެއްނުކުރިއެވެ. އެމީހުން ތިބީ ﷲސުބުޙާމަހޫވަތަޢާލާ އެމީހުންނަށް މަދަދުދެއްވާނެ ކަމުގެ އަޒުމުގައެވެ.

(ނުނިމޭ)

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ