އަބްދުއްރަހްމާން: ތުޅާދޫގެ ފަޚުރުވެރި ނަމެއް

އަބްދުއްރަހްމާން ލިޔެފައިވާ ވާސްއެއްގައި އޭނާ ކުރަހަނީ -- ފޮޓޯ: އަބްދުއްރަހްމާން

ބ. އަތޮޅަކީ އަތްތެރި މަސައްކަތުގައި މުޅި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ އަތޮޅެކެވެ. ހާއްސަކޮށް މި އަތޮޅު ތުޅާދޫ އަކީ އަތްތެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ލިޔެލާޖެހުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. މިމަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ކުޑަވަމުން ދިއުމަކީ ތުޅާދޫގެ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

ނަމަވެސް ތުޅާދޫ ސޯސަންވިލާ އަބްދުއްރަހްމާން މޫސާ އަކީ އޭނާގެ އެންމެ ޒުވާން އުމުރުގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރަން ދަސްކޮށް މިއަދުވެސް އެމަސައްކަތުގައި ސާބިތުވެ ހުރި ހުނަރުވެރިއެކެވެ. ލިޔެލާޖެހުމުގެ މަސައްކަތް ކުރަން އަބްދުއްރަހްމާން ފެށީ ތުޅާދޫ ސުކޫލުން ކިޔެވުން ނިންމާލުމަށްފަހު އުމުރުން އެންމެ 18 އަހަރުގަ އެވެ.

އަބްދުއްރަހްމާން ބުނާ ގޮތުގައި އޭނާއަށް ލިޔެލާޖެހުމުގެ މަސައްކަތް ދަސްވީ ތުޅާދޫގައި ލިޔެލާޖަހާ މީހުންގެ ކައިރީގައި އަތްގާތްކޮށްލަ ދޭން އުޅުމުގެ ތެރޭގައި ކަަމަށެވެ. އޭނާ ދެކޭ ގޮތުގައި ވައްއެއްޗެއްނަމަ މިހާރުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގައި ލިޔެލާޖަހާ މީހުން އެ މީހުންގެ ކަށި ބޭނުން ކޮށްގެން އެއަށް ބޭނުން ގޮތެއް ހަދާލާނެ އެވެ.

“އެގޮތަށް އުޅުމުގެ ތެރޭގައި ހަގީގަތުގައި މިމަސައްްކަތަށް ޝައުގުވެރިކަން އުފެދި މިކަމުގައި ކުރިއަށްދާން ބޭނުންވީ. މާބޮޑު އެއްޗެތިތަކެއް ހަގީގަތުގައި އަޅުގަނޑަށް ބަޔަކު ބުނެދީފައެއް ނެތް. ހަަމަ ޝައުގުވެރިކަމާއިއެކު މިކަމުގައި އުޅެގެން މިދަސްވީ،” އަބްދުއްރަހްމާން ބުންޏެވެ.

ލިޔެލާ ޖަހާ މީހުން ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މިއަދު އެމަސައްކަތް ކުރި ނަމަވެސް އަބްދުއްރަހްމާން ލިޔެލާޖެހުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަނީ ކާބަފައިން އެމަސައްކަތް ކުރި ގޮތަށް ލިޔެލާޖެހުމުގެ މަސައްކަތަށް އަމިއްލައަށް ހަދާފައި ހުންނަ ތަކެތީގަ އެވެ. އެކަަމަކު އިލެކްޓްރިކް ޒަމާނީ މެޝިންތައް އޭނާގެ އަތުގައިވެސް އެބަހުއްޓެވެ.

އަބްދުއްރަހްމާން ޔޫރަޕްގައި ފޭއްވި ޓޫރިޒަމް ފެއާއެއްގައި ލިޔެލާޖަހާ ގޮތް ދައްކާލަ ދެނީ — ފޮޓޯ: އަބްދުއްރަހްމާން

ލިޔެލާޖެހުމުގެ މަސައްކަތުގައި އަބްދުއްރަހްމާން 24 އަހަރު ހޭދަކޮށްފައިވާއިރު މިމަސައްކަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެން ގުޅެ އެވެ. އެކަމަކު މި މަސައްކަތުގައި ކުރިއަށް ދިއުމަށް އޭނާއަށް އިތުރަށް ހިތްވަރު ލިބޭނެ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

“ހަގީގަތުގައި މީގެ ކުރިން އޮންނަ ފަދަ އަތްތެރި މަސައްކަތުގެ މައުރަޒު ފަދަ މުބާރާތްތައް ގައުމީ ފެންވަރުގައި ބޭއްވުމަކީ އަޅުގަނޑުމެންނަށް މިކަމުގައި ކުރިއަށް ދިއުމަށް އިތުރަށް ލިބޭނެ ހިތްވަރެއް. އެފަަދަ މުބާރާތްތައް ބޭއްވީމާ އަޅުގަނޑަށްވެސް މިހާރަށް ވުރެވެސް ރަނގަޅު އުފެއްދުންތައް އުފައްދަން ހިތްވަރު ލިބޭނެ. އަނެއްކާ މިފަދަ މުބާރާތްތައް ބޭއްވީމާ އަޅުގަނޑުމެންގެ ހުނަރު ގިނަ ބަޔަކަށް މި ފެންނާނީ. އޭރުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާކެޓް ހޯދުމަށް ވެސް ފަސޭހަ ވާނެ،” އުމުރުން މިހާރު 42 އަހަރުގެ އަބްދުއްރަހްމާން ބުންޏެވެ.

އަބްދުއްރަހްމާނަކީ ހަމައެކަނި ލިޔެލާޖެހުމުގެ މަސައްކަތް ކޮށްގެން މިއަދު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. އަބްދުއްރަހްމާން ބުނާ ގޮތުގައި ލިޔެލާޖެހުމުގެ މަސައްކަތުން ރަނގަޅު އުފެއްދުންތަކެއް އުފައްދައިފިނަމަ ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އަދި އޭނާ ކުރާ މަސައްކަތުގައި ކޮލިޓީ ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭ ކަަމަށް ބުންޏެވެ.

އަބްދުއްރަހްމާންގެ ބައެއް އުފެއްދުންތައް — ފޮޓޯ: އަބްދުއްރަހްމާން

އަބްދުއްރަހްމާނަކީ ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރުމުގެ އިތުރަށް އެމަސައްކަތް ކުރާ ގޮތް ޓޫރިސްޓުންނަށް ދައްކާލުމަށްޓަކައި ރިސޯޓްތަކަށް ގޮސްގެންވެސް އެމަސައްކަތް ކުރާ މީހެކެވެ. އެގޮތުން ބ. އަތޮޅުގައި ހިންގާ މަޝްހޫރު ފޯސީޒަން ރިސޯޓުގައި ކޮންމެ މަހަކު 20 ދުވަހު އޭނާ ލިޔެލާޖެހުމުގައި ހޭދަ ކުރެ އެވެ.

ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ރާއްޖޭގެ އުފެއްދުމެއް ހަދިޔާކުރުމުގެ ގޮތުން އަބްދުއްރަހްމާންގެ އަތުން ލިޔެލާޖެހި ތަކެތި ހެދުމަށްފަހު ބޭރުގެ އެތައް އިއްޒަތްތެރިއަކަށް ހަދިޔާކޮށްފައިވެސްވެ އެވެ. އެގޮތަށް ހަދިޔާކުރާ ތަކެތި އޭނާ އުފައްދަނީ ދައުލަތުގެ މުއައްސަސާތަކުން އެދިގެންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ރާއްޖެއިން ބޭރުގައި ބާއްވާފައިވާ ބައިނަލްއަގްވާމީ ބޮޑެތި ފެއާތަކުގައި އެތައް ފަހަރަކު އަބްދުއްރަހްމާން ވަނީ ރާއްޖޭގެ މަސައްކަތްތެރިކަން ހާއްސަކޮށް ލިޔެލާޖެހުމުގެ މަސައްކަތް ކުރާ ގޮތް ދައްކުވާލަ ދީފަ އެވެ. އެގޮތުން ޖަރުމަން، ދުބާއީ، ސްވިޒަލޭންޑް، އިޓަލީ، ޗައިނާ އަދި އިންޑިއާ ފަަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަބްދުއްރަހްމާން ވަނީ އޭނާގެ ހުނަރު ދައްކުވާލަދީގެން ދިވެހި ގައުމުގައި ހުނަރުވެރިން ތިބިކަން ސާބިތުކޮށްދީފަ އެވެ. ރާއްޖެއިން ބޭރުން މިގޮތަށް ލިބޭ ފުރުސަތުތަކަކީ އަބްދުއްރަހްމާން އުފަލާއިއެކު ބަލައިގަންނަ ފުރުސަތުތަކެކެވެ.

“އެފަަދަ ފުރުސަތުތަކަކީ ދިވެހި ގައުމު ތަމްސީލް ކުރަން އަޅުގަނޑަށް ލިބޭ ފުރުސަތުތަކެއް. އަދި އަޅުގަނޑުގެ ހުނަރު ދައްކާލަންވެސް ލިބޭ ފުރުސަތުތަކެއް. އެހެންކަމުން އެފަދަ ފުރުސަތުތައް ލިބޭތީ ހަމަ ވަރަށް އުފާވެއޭ ބުނެވޭނީ،” ތިން ކުދިންގެ ބައްޕައެއް ކަމުގައިވާ އަބްދުއްރަހްމާން ބުންޏެވެ.

އަބްދުއްރަހްމާން ފޯސީޒަން ރިސޯޓުގައި ލިޔެލާޖެހުމުގެ މަސައްކަތް ކުރަނީ — ފޮޓޯ: އަބްދުއްރަހްމާން

އަބްދުއްރަހްމާނަކީ ލިޔެލާޖަހައިގެން އާމްދަނީ ހޯދުމުގެ އިތުރަށް ލިޔެލާޖެހުމުގެ މަސައްކަތް އެކިއެކި ފަރާތްތަކަށް ދަސްކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ހުނަރުވެރިއެކެވެ. ލިޔެލާޖެހުމުގެ މަސައްކަތް އެކިއެކި ފަރާތްތަކަށް ދަސްކޮށްދިނުމުގެ މަސައްކަތް އޭނާ އާންމުގޮތެއްގައި ކުރަނީ ހިލޭ ސާބަހަށެވެ. ލިޔެލާޖެހުމުގެ މަސައްކަތް އޭނާގެ ކައިރިން ދަސްކުރަން އެތައް ބަޔަކު ގުޅާ ކަމުގައިވެސް އަބްދުއްރަހްމާން ބުންޏެވެ. ނަމަވެސް ވަގުތު ހުންނަ ގޮތުން އެފަަދަ ބައެއް ފުރުސަތުތައް މިވަގުތަށް ދޫކޮށްލަންޖެހޭ ކަން ފާހަގަކޮށްފައިވެ އެވެ.

އަބްދުއްރަހްމާން ބުނީ ލިޔެލާޖެހުމުގެ މަސައްކަތުގައި އޭނާ އެންމެ އުފާވީ ދިވެހި ދައުލަތުން އޭނާގެ މަސައްކަތުގެ އަގުވަޒަން ކުރުމުން ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުއްރަހްމާނަށް ވަނީ އަތްތެރިމަސައްކަތުގެ ރޮނގުން 2011 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިފަ އެވެ.

ނޯޓް: މި ލިޔުމަކީ 2015 ޖޫން 18 ވަނަ ދުވަހު ވީއޮންލައިންގެ ސީނިއާ އެޑިޓަރު ބ ތުޅާދޫ ޝަރުތު، އަހުމަދު ރިފާއު، ވީއޮންލައިންގައި ލިޔުއްވާފައިވާ ލިޔުމެކެވެ.
ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ